ކޯވިޑް-19އާ ގުޅިގެން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުން ވަގުތީގޮތުން ހުއްޓާލާފައި އޮތް އޮތުމަށް ނިމުމެއް ގެނެސް ފަތުވެރިންނަށް ރާއްޖެ ޒިޔާރަތްކުރުމުގެ ފުރުޞަތު މާދަމާ އަލުން ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވެފައިވާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި، ވެލާނާ އިންޓަރނޭޝަން އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އެރައިވަލް އަދި ޑިޕާޗަރ ހޯލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގައި ވެފައިވާ ތައްޔާރީތައް ބައްލަވާލެއްވިއެވެ. އެގޮތުން، ފަސިންޖަރުން ސްކްރީންކުރުމާއި ކޯވިޑަށް ޓެސްޓުކުރަންޖެހޭ ޙާލަތުގައި ޓެސްޓުކުރުން ފަދަ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ މަޢުލޫމާތުވެސް އެއަރޕޯޓުގެ ކަމާބެހޭ އިސްފަރާތްތަކުގެ ފަރާތުން އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.