ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބު

އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު، އިސްލާމްދީނުގެ މަތިވެރި ދަންމަރުން އުޖާލާކުރައްވައި އަދި އެކަމުގެ މަތިވެރި ނިޢުމަތް ދެއްވިކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަދި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ. އެއަށްފަހު، ރާއްޖެ އިސްލާމްވި ދުވަހުގެ ތާރީޚީ އަދި އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވައި ތަހުނިޔާ އަރިސްކުރަމެވެ.

މާތްﷲ ރާއްޖެއަށް މިންވަރު ކުރައްވާފައިވާ އެންމެ މަތިވެރި އަދި އެންމެބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ ނިޢުމަތެވެ. އެ ދީނަކީ އެންމެހައި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މާތްﷲ ބާވައިލެއްވި ދީނެވެ. އެހެންކަމުން، އެ ދީނުގެ މަތިވެރި ޢަޤީދާގައި އަދި އެ ދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި ޤައުމީ ވާޖިބެކެވެ.

ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާތީ، އެކަމާ ޙަސަދަވެރިވާ ބަޔަކު އެބަތިބިކަން އަޅުގަނޑުމެން ހަނދާންކުރަންޖެހެއެވެ. އަދި ބޭރުގެ އެކި ފިއްތުންތައް ކުރިމަތި ކުރުވުމަށާއި، އަޅުގަނޑުމެންގެ ދީނީ ޢަޤީދާ ބަލިކަށިކުރުވުމަށް، އެތެރެއާއި ބޭރުން މަސައްކަތްކުރަމުންދާއިރު، މިކަމާމެދު އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ހޭލާންޖެހެއެވެ. އެފަދަ ފިކުރުތަކަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް އަޅުގަނޑުމެން ދީގެނެއް ނުވާނެއެވެ.

އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންޖެހޭނީ، މާތްވެގެންވާ އިސްލާމްދީނުގައި ނުގުޑާފަދަ ވަރުގަދަ ޢަޒުމަކާއެކު ފައިތިލަ ސާބިތުކޮށްގެން ތިބުމެވެ. ހަމައެއާއެކު، އަޅުގަނޑުމެންގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި ސިޔާސީ ކުރިއެރުން ބިނާވެފައި އޮންނާނީ، އެ ދީނުގައި ހިފެހެއްޓި މިންވަރެއްގެ މައްޗަށްކަން އަބަދުމެ ހަނދާންކުރުމެވެ.

މާތްﷲ އިސްލާމްދީނުގެ މި މަތިވެރި ހިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވާށިއެވެ! ރާއްޖެއަކީ އަބަދުވެސް ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލަހައްޓަވާށިއެވެ! ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ވަރުގަދަ ކުރައްވައި، ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރައްވާށިއެވެ! އާމީން.

 





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500