އެންމެފަހުގެ ޚަބަރުތައް


މިނިވަންދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ދިވެހިރާއްޖޭގެ މިނިވަންކަން ޙިމާޔަތް ކޮށްދެއްވައި، ރާއްޖޭގެ ރައްޔިތުންނަށް އަމަންއަމާންކަން ޤާއިމުކޮށްދެއްވުމުގެ މަތިވެރި ނަޞީބު މިންވަރުކޮށްދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދުކޮށް ޝުކުރު ކުރަން. ޙަޤީޤީ މިނިވަންކަމަކީ ކޮބައިކަން، މިއުންމަތަށް ދަސްކޮށްދެއްވި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލައްވާށި!

ދިވެހިރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ދިވެހިރާއްޖޭގެ ފަޚްރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އަހުރަވެތި އެންމެހައި އަޚުންނަށާއި އުޚުތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރަން.

އަދި މި ފަޚްރުވެރި ފަސްގަނޑު، މިނިވަންކަމުގެ ހިޔަލުގައި ރައްކާތެރިކޮށްދެއްވައި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓެވުމަށް މަސައްކަތްޕުޅު ކުރެއްވި ޤައުމީ އަބްޠާލުންނާއި، ދިވެހިރާއްޖެ، އެކިދުވަސްވަރު ބޭރުގެ އިސްތިޢުމާރުގެ އަތްދަށުން ސަލާމަތްކޮށްދެއްވުމަށް، ޤައުމީ ބަޠަލުން ކުރެއްވި މަތިވެރި ޖިހާދުގެ މަތިންވެސް ހަނދާންކޮށް، އެބޭފުޅުންނަށް ޙައްޤު ތަޢުރީފް އަޅުގަނޑު އަދާކުރަން. އަދި އެބޭފުޅުންގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

އާދެ، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު އިނގިރޭސިންގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް މަތިވެރި ޤުރްބާނީއެއް ވެވަޑައިގެންނެވި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ޒިކުރާ އަޅުގަނޑު އާކުރަން. އެމަނިކުފާނަކީ، ރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރައްވައި ދިފާޢު ކުރެއްވުމުގައި ލާމަސީލު މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއް.

މި ފުރްޞަތުގައި، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ރާއްޖޭގެ ރައްޔިތުންނާއި ދިވެހި ޤައުމު ސަލާމަތް ކުރައްވައި، ޤައުމުގެ މިނިވަންކަން ދިފާޢުކުރައްވައި، މާތްވެގެންވާ އިސްލާމްދީން ޙިމާޔަތް ކުރެއްވުމަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކުރެއްވި ޖިހާދާއި، އެމަނިކުފާނު ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ ހަނދާންތައް އާކުރަމުން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އެދުވަހު ދިވެހި ސިފައިން ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތައް އާކުރަމުން، ދިވެހި ސިފައިންނަށް އަދި ސިފައިންގެ ގޮތުގައި އޭރު ހިމެނުނު އަދުގެ ފުލުހުންނަށް ޙައްޤުވެގެންވާ ޝުކުރާއި ތަޢުރީފު އަދާކުރަން.

ދިވެހިރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:

އަންނަ އަހަރަކީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު. މިނިވަންކަމުގެ ރަން ޔޫބީލް، ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުން ނިންމައި، އެކަމުގެ ޢަމަލީ މަސައްކަތްތައް މިހާރު ވަނީ ފަށާފައި.

ރާއްޖެ ފުރިހަމަ މިނިވަން ދައުލަތަކަށްވީ، ރާއްޖޭގެ މައްޗަށް އިސްތިޢުމާރީ ނުފޫޒު ހިންގަމުން ގެންދިޔަ ބޭރުގެ ބާރުތަކާ ހަނގުރާމަކޮށްގެނެއް ނޫން. އެހެން ނަމަވެސް، މާތްﷲގެ ރަޙްމަތްފުޅާއި، އެކަލާނގެ އިރާދަފުޅުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ، ބޮޑެތި ޤުރްބާނީތަކެއްވެގެން.

ދައުލަތަކަށް ފުރިހަމަ މިނިވަންކަން ލިބުމަކީ، އެ ދައުލަތުގެ ރައްޔިތުންނަށް ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުން. މި ފުރްޞަތުގައި އަޅުގަނޑުގެ ހަނދާނަށް އަންނަނީ، ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުން، މިނިވަންކަން ހޯދުމަށްޓަކައި ކުރަމުންދާ މަތިވެރި ޖިހާދު.

އިޒުރޭލުން ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ޙަމަލާތަކުގައި، ވަރަށްގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން މަރައި އަދި މުސްކުޅިން މަރައި ހިންގަމުންގެންދާ ލާއިންސާނީ ޢަމަލުތައް، މިއަދުވެސް އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިކުރަން. އަދި ފަލަސްޠީނުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން އިސްނަގައިގެން، އ.ދ.ގެ އެހީތެރިކަމާއެކީގައި، އަވަސް މަސައްކަތްތަކެއްކޮށް، ޔަހޫދީން، ތަކުރާރުކޮށް ފަލަސްޠީނަށް ދެމުން ގެންދާ ޢުދުވާނުތަކަށް ހުއްޓުމެއް ގެންނަން އެބަޖެހޭ.

ހަމައެޔާއެކު، ފަލަސްޠީނުގެ ރައްޔިތުންނަށް، ރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އަބަދުވެސް އޮންނާނެ ކަމުގެ ޔަޤީންކަން، މި ފުރްޞަތުގައި ފަލަސްޠީނުގެ ސަރުކާރަށާއި، ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

މީގެ އިތުރުން، އިޒްރޭލުން ފަލަސްޠީނާމެދު ގެންގުޅޭ އަނިޔާވެރި، ހަރުކަށި ސިޔާސަތު ދޫކޮށްލައި، ފަލަސްޠީނާއެކު ޞުލްޙަ ޤާއިމުކުރުމުގެ މަސައްކަތް ފަށަންދެން، އިޒްރޭލުގައި އުފައްދާ ތަކެތި ރާއްޖޭގައި ވިއްކުން ނުވަތަ ރާއްޖެއަށް އެތެރެކުރުން މިހާރުވަނީ މަނާކުރެވިފައި. އަދި ރައީސް ނަޝީދުގެ ސަރުކާރުން އިޒްރޭލާއެކީ ގުޅުން ބަދަހިކުރުމަށް 2010 ވަނަ އަހަރު ސޮއިކޮށްފައިވާ "ގުޅުން ބަދަހިކުރުމުގެ" ތިން އެއްބަސްވުމަކަށް ޢަމަލުކުރުން މިހާރުވަނީ ހުއްޓާލާފައި.

ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުން އެމީހުން ސަލާމަތްކޮށްދެއްވައި، ފަލަސްޠީނު ރައްޔިތުން ކުރަމުންދާ ޖިހާދަށް ނަޞްރާއި ކާމިޔާބީ ދެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން.

ރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:

މިއަދު މިނިވަންކަމުގެ އުފާތައް ޙާޞިލު ކުރަމުންދާއިރު، ޤައުމުގައި މިވަނީ އަމާންކަން ޤާއިމުކުރެވިފައި. އުފާވެރި މާޙައުލެއްގައި ދިރިއުޅެމުންދާ ކަމުގެ އިޙްސާސްތައް އަޅުގަނޑުމެންނަށް މިދަނީ ކުރެވެމުން. މި ޤައުމު ހަލަބޮލި ދުވަސްތަކެއް ވޭތުކުރުމަށްފަހު، ހަމަޖެހުމުގެ ފުން ނޭވާއެއް މިއަދު އަޅުގަނޑުމެން ލަމުންދާއިރު، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު، ރާއްޖެ ދަތުރުކުރަމުން މިދަނީ، ތަރައްޤީގެ އާ އުދަރެހަކަށް.

ޤައުމު ހަމަޖެހުމުގެ ނޭވާއެއްލަމުންދާ މިދަނޑިވަޅުގައި، ޤައުމު ހަލަބޮލި ކަމުގެ ތެރެއަށް ސޮއްސާލާކަށް ސަރުކާރުން ފުރުޞަތެއް ނުދޭނެ. ސިޔާސީ އިދިކޮޅު ފަރާތްތަކުން ގަސްދުގައި ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަނީ، މުޖުތަމަޢުގައި ނުތަނަވަސްކަމުގެ އުދާސް އުފައްދައިގެން. ސިޔާސީ ބޭނުމުގައި އުފަންކުރުވާ އުދާސްކަން މިނިވަންކަމަށް އަސަރުފޯރާ ހިސާބަށް ގެންގޮސްފައި އެބަހުރި. ދިވެހި ތާރީޚުން މިކަން ވަނީ ތަކުރާރުކޮށް ފެނިގެން ގޮސްފައި.

ރައްޔިތުންގެ ރުހުމާއި ލޯބި ހޯދުމުގައި ކާމިޔާބީ ޙާޞިލު ނުވުމަކީ، ޤައުމު ނަފްރަތާއި ޙަސަދައިގެ ފުންވަޅުގަނޑަކަށް ވައްޓާލަންޖެހޭ ސަބަބެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން ހުއްޓުވުމަށް މަސައްކަތް ކުރުމާއި، ދިވެހި މަސްވެރިން ރެޔާއިދުވާލު ބުރަ މަސައްކަތް ކޮށްގެން ބާނާ މަސް، މަސް ގަންނަ ފަރާތްތަކުން މަސްގަތުން ހުއްޓުވުމަށް މަސައްކަތް ކުރުމަކީ، އުދާސްކަމާއި ހާސްކަން އުފެއްދުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ގަސްދުގައި ކުރާ ނޭދެވޭ ޢަމަލުތަކެއް.

މިއަދު ޤައުމަށް އަންނަ ޙަމަލާތަކުގެ ބަޑިބޭހަކީ، އިޤްތިޞާދީ ގޮތުން ދަތިކުރުމާއި، ރައްޔިތުން ފަޤީރުކަމުގެ ތެރެއަށް އެއްލާލުން. އިޤްތިޞާދީ ގޮތުން ޤައުމު ނިކަމެތިކުރަން މަސައްކަތް ކުރުމަކީ، މިނިވަންކަން ނަގާލަން ކުރާ މަސައްކަތް. އެހެންކަމުން، ރާއްޖޭގައި މިއޮތް ހަމަޖެހުން، ސިޔާސީ އެކިއެކި ބޭނުންތައް ފުއްދުމަށްޓަކައި ނަގައިނުލުމަށް ރާއްޖޭގެ ރައްޔިތުންނަށާއި، ރާއްޖޭގައި ޙަރަކާތްތެރިވާ ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ވެރިންނަށް، މި ފުރްޞަތުގައި އަޅުގަނޑު އިލްތިމާސް ކުރަން.

ރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:

ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި، ރާއްޖޭގައި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކެއް ނުވަތަ ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ޤާއިމުކުރުމަކީ، ސަރުކާރުގެ އިޤްތިޞާދީ ތަޞައްވުރުގެ ވަރަށް މުހިންމު އަމާޒެއް. މިކަމަށް މަގުފަހިކުރުމަށްޓަކައި، މިކަމާބެހޭ ބިލު، ސަރުކާރުގެ ފަރާތުން މިހާރުވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި.

މި ބިލް ޤާނޫނަކަށް ވެގެން އައުމުން، ބޭރުގެ އިންވެސްޓަރުންނަށް އިތުބާރު ލިބި، ރާއްޖެ އަންނަ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ. މިއާއެކު، ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، ރާއްޖޭގެ އިޤްތިޞާދު، ފަތުރުވެރިކަމަށް ބިނާވެފައި އޮތްއޮތުން ކުޑަކުރެވި، ރާއްޖޭގައި ވިޔަފާރިއާއި ޞިނާޢީ ޙަރަކާތްތައް ފުޅާވެގެންދާނެ. އަދި، ރާއްޖޭގެ އުފެއްދުންތެރިކަން އެތައް ގުނައަކަށް އިތުރުވެ، ރާއްޖޭގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު އިތުރުވެގެންދާނެ.

ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ޤާނޫނު އައުމާއެކު، މި ސަރުކާރުން ހިންގާނެ އެންމެ މުހިންމު އިޤްތިޞާދީ މަޝްރޫޢަކީ، އިހަވަންދިއްޕޮޅު އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް، އާދެ، އައިހެވަން މަޝްރޫޢު. މިއީ، ރާއްޖޭގެ އުތުރުގެ ސަރަޙައްދަށް ބޮޑު ތަރައްޤީއެއް ގެނެސް، އުތުރުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްދޭނެ މަޝްރޫޢެއް. އުތުރުގެ ތަނަވަސްކަމުގެ މައި ދޮރޯށި.

އައްޑޫ ސިޓީ ޒަމާނީ، ސިޓީއެއްގެ ގޮތުގައި ތަރައްޤީކޮށް، އެ ސިޓީގައި ވިޔަފާރީއާއި، އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށްޓަކައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި، ހިތަދޫ ސަރަޙައްދީ ބަނދަރުގެ ފެންވަރުމަތިކޮށް، އެތަނުގައި އިޤްތިޞާދީ ހަރަކާތްތަކެއް އިތުރުކުރެވޭނެ. އެތަންތަން ހިންގުން ހަރުދަނާކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް. މިގޮތުން، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢެއް މިހާރުދަނީ ކުރިއަށް.

މީގެއިތުރުން، ހިތަދޫ ސަރަޙައްދީ ބަނދަރު ތަރައްޤީކޮށް، އެތަނުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ބަނދަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމާފައި. މި ގެނެވޭ ބަދަލާއެކު، އެ ބަނދަރުން ދެވޭ ޚިދްމަތް އިތުރަށް ފުޅާކޮށް، ޒަމާނީ ވިޔަފާރި ބަނދަރަކުން ދެވޭ ގިނަ ޚިދްމަތްތަކެއް، އައްޑޫ ސިޓީގައި ދެމުން ގެންދެވޭނެ.

ހިތަދޫ ބަނދަރާއެކު ހދ. ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުވެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައި. ހިތަދޫ ބަނދަރަށް ގެނެވޭ ތަރައްޤީ، ކުޅުދުއްފުށީ ބަނދަރަށް ގެނެސް، އަދި ކުޅުދުއްފުށީގައި އިޤްތިޞާދީ އާރޯކަމެއް ފެނިގެންދާނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއްނުކުރަން.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢެއް މިހާރު ވަނީ ފަށާފައި. މި މަޝްރޫޢުގެ ދަށުން އެއަރޕޯޓްގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ދުނިޔޭގެ އެންމެ ނަންހިނގާ އެއަރޕޯޓްތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުގެ ޗަންގީއާއެކު އެބަ ކުރިއަށްދޭ. އަދި މި މާސްޓަރ ޕްލޭންގެ ދަށުން ޢިމާރާތް ކުރެވޭ އާ ޓަރމިނަލް ޢިމާރާތް، ކުރެހުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުން.

އެއަރޕޯޓް މާސްޓަރ ޕްލޭންގެ ދަށުން ގެނެވޭނެ ބަދަލުތަކުގެ ތެރޭގައި މިހާރު އޮތް ރަންވޭގެ އިތުރަށް، އިތުރު ރަންވޭ ހެދޭނެ. ހަމައެހެންމެ، ސަރަޙައްދީ ވައިގެ ބަނދަރުތައް ތަރައްޤީކޮށް، އިތުރު ވައިގެ ބަނދަރު ޤާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން.

ރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:

ޔޫތުސިޓީ ބިނާކުރުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިހާރުވަނީ ބަޔަކާ ޙަވާލުކުރެވިފައި. މި މަސައްކަތް، އަންނަ އަހަރުގެ މެދެއްހާތާނގައި އިރާދަކުރެއްވިއްޔާ ނިމޭނެ. ޒުވާނުންގެ ސިޓީ ވެގެންދާނީ، ވަޒީފާގެ ފުރުޞަތުތަކާއި، މުނިފޫހިފިލުވުމާއި، އުނގެނުމުގެ ފުރުޞަތުތައް ޒުވާނުންނަށް ތަނަވަސްކޮށްދޭނެ ނާރެހަކަށް.

ދިވެހިރާއްޖެއަކީ އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމަކަށް ހެދުމަށްޓަކައި ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއް އަދި ހިންގާ ކޮންމެ މަޝްރޫޢެއް ނުވަތަ ޙަރަކާތެއް ހިންގާނީ، އެކަމުގެ ސަބަބުން ޤައުމުގެ މިނިވަންކަމަށާއި އިސްތިޤްލާލަށް އެއްވެސް ބުރުލެއް ނާންނަގޮތަށް.

ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށާއި، ރާއްޖޭގެ މަސްވެރިން ބާނާ މަސްގަންނަ ފަރާތްތަކުގެ ހިތްތަކުގައި ޝައްކު އުފައްދައި މަސްވެރިކަން ހަލާކުކުރުމަށް ވަކިފަރާތްތަކަކުން ކުރަމުން ގެންދާ މަސައްކަތްތައް އަޅުގަނޑު ކުށްވެރިކުރަން. ދިވެހި ރައްޔިތުން ފަޤީރުކުރުމަށް ކުރާ ހުރިހާ މަސައްކަތެއް ބަލިކޮށް، ޞުލްޙަވެރި ޒުވާން ޖީލެއް ބިނާކޮށް، ދިވެހިންނަށް ތަނަވަސްކަން ހޯދައިދިނުމުގައި މި ސަރުކާރު ކުރިއަށްދާނެ.

ރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން:

ސަރުކާރުގެ އެންމެ އިސް މަސްއޫލިއްޔަތަކީ އަދި ވާޖިބަކީ، މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކުރުމާއެކު، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުން. މިނިވަންކަން ދެމެހެއްޓުމުގެ އަސާސަކީ މުޖުތަމަޢުގެ ހަމަޖެހުމާއި ފުދުންތެރިކަން.

ޒުވާނުންނާއި މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ ހަމަޖެހުމަށްޓަކައި ޒުވާނުންނަށް ފަހި މުޖުތަމަޢެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން މިދަނީ ކުރަމުން. މައްސަލަތަކުގެ ޝިކާރަޔަކަށް ޒުވާނުން ވިޔަނުދިނުމަށްޓަކައި ކެނޑިނޭޅިދަނީ މަސައްކަތްތަކެއް ކުރެވެމުން.

އަޅުގަނޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ޙަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ތަފާތު 4000 މައްސަލައިގައި ތުހުމަތު ކުރެވިފައިވާ 3588 ޒުވާނުންގެ ކުށުގެ ރެކޯޑުތައްވަނީ ސާފުކޮށް ނިމިފައި. މިދެންނެވި ޒުވާނުންގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތަކާމެދު މިހާރުވަނީ ގޮތެއް ނިންމިފައި.

ޒުވާނުންނަށް އިތުރު ފުރުޞަތެއް ދިނުމުގެ ބޭނުމުގައި، ކުދި ކުށްތަކުގައި ދަޢުވާ އުފުލިފައި ތިބި ޒުވާނުންނާއި، ދަޢުވާ އުފުލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައި ހުރި މައްސަލަތަކުގައި، ފުރަތަމަފަހަރަށް ކުށަށް އަރައިގަނެވިފައިވާ ޒުވާނުންނާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ދަޢުވާނުކޮށް ދޫކޮށްލުމުގެ އުޞޫލެއް ޤާއިމުކޮށްދިނުމަށް އަޅުގަނޑު މިހާރުވާނީ ޕްރޮސެކިއުޓަރ ޖެނެރަލް އަރިހުގައި ދަންނަވާފައި.

އަޅުގަނޑުގެ ޢަޒުމަކީ، ދިވެހި މުޖުތަމަޢަކީ ޞުލްޙަވެރި ޒުވާން، ތަޢުލީމީ، ތަހުޒީބު މުޖުތަމަޢަކަށް ހެދުން. ހަމައެޔާއެކު، ރާއްޖޭގެ ރައްޔިތުންނަކީ، މިއަދު ދުނިޔެ ދެކެމުންދާ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފައި، ދުނިޔެއަށް އަންނަމުންދާ އެކިއެކި ބަދަލުތަކާމެދު ވިސްނައި، ހޭލުންތެރި މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ވެގެންދިޔުން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، އަދިވެސް އެއްފަހަރު ދިވެހިރާއްޖޭގެ ފަޚްރުވެރި މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކުރަން. އަދި މިހާރު އަޅުގަނޑުމެން ވޭތުކުރަމުން މިދަނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް. އެހެންކަމުން، މި މާތް މައްސަރުގައި އަޅުގަނޑުމެން އަދާކުރަމުން ގެންދާ އަޅުކަންތަކާއި، ހެޔޮކަންތަކުގެ ޘަވާބާއި ދަރުމަ، މާތްﷲ އަޅުގަނޑުމެންނަށް ހެޔޮގޮތުގައި މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަން. އަދި ތިޔަ އެންމެހައި ބޭފުޅުންނަށް ފިޠުރުޢީދުގެ ތަހުނިޔާވެސް މިފުރްޞަތުގައި އަރިސްކުރަން.

މާތްﷲ، މާތްވެގެންވާ އިސްލާމްދީނުގެ އަލިގަދަ ނޫރުން މި ދިވެހި އުދަރެސް އަލިކޮށްދެއްވާށި! އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމުގެ މިނިވަންކަން ރައްކާތެރިކޮށްދެއްވައި، އެ މިނިވަންކަން އަބަދަށްމެ ޙިމާޔަތް ކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه





ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ބޮޑުތަކުރުފާނު މަގު، މާލެ 20113
ފޯނު: 3323701 ފެކްސް: 3325500